އޭޝިޔާ ބައްރުގައި އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ޤައުމުތައް ކައިރި މުސްތަޤްބަލެއްގައި ލަންކާ އޮތް ހާލަތަށް ދިއުން ގާތްކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ބުނެފި އެވެ.
ސްރީލަންކާގައި ދާދިފަހުން ވަނީ އިންފްލޭޝަން ރޭޓް 54.6 ޕަސެންޓަށް އުފުލިފަ އެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ކޮވިޑް ޕެންޑަމިކް އަދި ރަޝިޔާ، ޔުކްރޭން ހަނގުރާަމަ ހިމެނެ އެވެ.
ލަންކާ އިގްތިސާދީ އަދަވަޅެއްގައި ވަނިކޮށް އެ ޤައުމުގެ ރައީސް ގޮޓަބަޔާ ރާޖްޕަކްސާ ވަނީ ފިލައިގެން ސިންގަޕޫރަށް ވަޑައިގެން ރައީސްކަމުން އިސްތިއުފާވެސް ދެއްވާފަ އެވެ.
“ބޮޑަށް ދަރަނިވެރި ވެފައި ހުރި ޤައުމުތަކުން ލަންކާ މިސާލެއްގެ ގޮތުގައި ނަގަންޖެހޭ” އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓާލިނާ ޖޯޖީވާ ވިދާޅުވެފައި ވެއެވެ.
އޭޝިޔާގެ އެންމެ ދަރަނި ބޮޑު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ. ރާއްޖެ ހިމެނެނީ މި ލިސްޓުގެ ތިންވަނައިގަ އެވެ.
- ޕާކިސްތާން
ޕާކިސްތާނުގެ ސަރުކާރުން ވެސް ދާދިފަހުން ވަނީ ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން އެ ޤައުމުގައި ތެލުގެ އަގުވަނީ 90 އިންސައްތަ މައްޗަށް ޖެހިފަ އެވެ.
ޕާކިސްތާނުގެ އިންފްލޭޝަން ރޭޓްވެސް ވަނީ ދާދިފަހުން 21.3 އިންސައްތައަށް މަތިވެފަ އެވެ. މިއީ ފާއިތުވި 13 އަހަރުގެ ތެރޭގައި އިންފްލޭޝަން ރޭޓް މިހާ މަތިވި ފުރަތަމަ ފަހަރެވެ.
- ބަންގްލަދޭޝް
ޕާކިސްތާން އެކޭ އެއްފަދައިން ބަންގްލަދޭޝްގައި ވެސް ފޮރިން ކަރަންސީ ރިސާރވް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި އެ ޤައުމުގެ އިންފްލޭޝަން ރޭޓް ވަނީ 7.42 އިންސައްތައަށް އުފުލިފަ އެވެ. - ދިވެހިރާއްޖެ
ލަންކާއެކޭ އެއްގޮތަށް ރާއްޖޭގެ ދަރަނި ވަނީ ޖީޑީޕީގެ 100 އިންސައްތައަށް އަރާފަ އެވެ. ނަމަވެސް 2023 އާ ހަމަޔަށް މި ދަރަނި ދައްކާ ނިމޭނެކަމަށް ޖޭޕީ މޯރގަން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގައި ވެސް ތެލުގެ އަގުވަނީ ދާދިފަހުން އުފުލިފަ އެވެ.