އިތުރުން 800 މިލިއަން ޑޮލަރުގެ ބަރު ހަތިޔާރު، އެމެރިކާއިން އަނެއްކާވެސް ޔޫކުރެއިންނަށް ފޮނުވަން ނިންމައިފިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުަރައްވާފައިވާ ގޮތުން ރަޝިޔާއިން ކުރިއަށް ގެންދާ ހަނގުރާމައިގަ ރައްދު ދިނުމުގެ ގޮތުުން މިފަހަރު ޔޫކުރެއިންނަށް ފޮނުވަން ނިންމާފައިވަނީ މިލިޓަރީ އެއިޑް ޕެކޭޖް ކަމަށެވެ. މި ޕެކޭޖްގައި ހިމެނެނީ ބަރު ހަތިޔާރާއި ޓެކްޓިކަލް ޑްރޯންސްގެ އިތުރުން ހެލިކޮޕްޓަރާއި ޕާރސަނަލް ކެރިއަރސް ކަމަށެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ، މި ތަކެތި ޔޫކުރެއިންއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރެކޮޓް ސްޕީޑްގައި ކަމަށެވެ. ބައިޑެން ވަނީ ރަޝިޔާއިން ހުއްޓާނުލާ ޔޫކުރެއިންއަށް ހަމަލާ ދެމުންދާދަނަމަ އެމެރިކާގެ ޕޯޓްތަކުން ރަޝިޔާގެ ބޯޓުތައް ބޭން ކުރާނެ ކަންވެސް ހާމަކޮށްފައެވެ.
ރަޝިޔާއިން ޔޫކެރެއިންނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް ރަޝިޔާއިން ޔޫކުރެއިންނަށް އަމާޒުކޮށް ދިން އެކި ހަމަލާތަކުގައި ވަނީ ޔޫކުރެއިންގެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެ އެތައް ބަޔަކު މަރުވެފައެވެ. އަދި ޔޫކުރެއިންގެ ބައެއް ހިސާބުތަކުގައި ހުރި އިމާރާތްތައް ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.